ރާއްޖޭގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން ކަމަށާއި ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ގައުމީ ރޫހުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން ކަމަށާއި ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކޮޅެއް ކަމަށެވެ.
"ރާއްޖޭގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ގައުމީ ރޫހުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް 19 އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.
"ކުރިން އަންދާޒާކުރި ހަލުވިމިނުގައި މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ މާތްﷲގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ދިމާވެފައިވާ އުނދަގޫތައް ތަހައްމަލުކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި މި ބަލި ރާއްޖެއިން ނައްތައިލުމަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، އާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ.