ކޮވިޑާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮވިޑް 19 އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން ކަމަށާއި ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ގައުމީ ރޫހުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް ކަމަށެވެ.
"ކުރިން އަންދާޒާކުރި ހަލުވިމިނުގައި މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ މާތްﷲގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ދިމާވެފައިވާ އުނދަގޫތައް ތަހައްމަލުކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި މި ބަލި ރާއްޖެއިން ނައްތައިލުމަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، އާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ.