ފޯނާއި އިންޓަނެޓު ބިލު ނުދެއްކުނު ނަމަވެސް މިހާލަތުގައި ހިދުމަތް މެދުކަނޑައި ނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފި އެވެ.
ކޮވިޑް 19 އާއި ގުޅިގެން އިގްތިސޯދަށް އަންނަމުންދާ ލޮޅުންތަކާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި، މުސާރަތައް ކުޑަކޮށްފައިވާ މި ހާލަތުގައި އިންޓަނެޓާއި ފޯނު ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ނުފެންނަ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓެގްކޮށް މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ތެދު ވާހަކައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވަނީ މި ދަނޑިވަޅުގައި މުއާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫން ދެމުން އަންނަ އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މިވަގުތު ބިލުތައް ނުދެއްކުނު ނަމަވެސް ފަހުން އިގްތިސާދު ހަމަޔަކަށް އެޅި، މީހުންގެ ވަޒީފާތައް އަނބުރާ ލިބި މުސާރަތައް ހަމަޔަކަށް އެޅުމުން އަލުން އެ ބިލުތައް ދެއްކޭނެ ކަމަށް ޓްވީޓު ކުރި މީހާ ބުނެފައިވެ އެވެ.
ކޮވިޑް 19 އާއި ގުޅިގެން އިގްތިސޯދަށް އަންނަމުންދާ ލޮޅުންތަކާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި، މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. އަމިއްލަ މަސައްކަތްކޮށްގެން އުޅުނު މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދު ވެފަ އެވެ. މިއާއެކު، ކުރިން ކުރި ހަރަދުތައް ކޮށްހެދުމަކީ ރައްޔިތުންނަށް މިވަގުތު ބޮޑު ދައްޗަކަށް ވަނީ ވެފަ އެވެ.