ކުޅުންތެރީންނަށް މި ވަގުތު އެލަވަންސް ނުލިބެނީ ޕްރެކްޓިސް ނުކުރާ ދުވަސްވަރަކަށް ވާތީ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ އެލަވަންސަކީ އެމީހުންގެ ފަރިތަކުރުންތަކަށް ބެލުމަށްފަހު ދޭ އެލަވަންސެއް ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ފަރިތަކުރުންތައް ހުއްޓިފައިވާތީ ކުޅުންތެރިންގެ އެލަވަންސް ނުލިބެނީ ކަމަށެވެ.
"ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން، އަލަވަންސެއް. މުސާރައަކީ ދާއިމަށް ދެވޭ އެއްޗެއް. އެލަވަންސް އަޅުގަނޑުމެން މިދެނީ އެމީހުން ކުރާ ޕްރެކްޓިސްތަކާއި މިހުރިހާ ކަމަކަށް." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އެކަން ހިނގާ ގޮތް އެސޯސިއޭޝަންތަކަށް ވެސް އެނގޭނެ ކަމަށާއި މުސާރައާ މެދު މިހާލަތުން އަރައިގަނެވުމުން ވަކި ގޮތެއް ނިންމާނެ ކަމަށެވެ. މީގެ އިތުރުން ކްލަބްތަކަށް ދެމުން އައި ކޯޗުންގެ މުސާރައިގެ މައްސަލައަށްވެސް މި ހާލަތުން އަރައިގަނެވުމުން ހައްލެއް ލިބޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 33 މާއްދާގައި ބުނެފައިވާ ގޮތުން ދިވެހިރާއްޖޭގެ އެކި ކުޅިވަރުތަކުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިޝަލުންނާއި މެނޭޖަރުންނަށް، ފުލްޓައިމް އުސޫލުން އަދި މަހުން މަހަށް އެ ދެވޭ ދުވަސްވަރަކަށް އެކަށީގެންވާ މުސާރައެއް ކަނޑައަޅައި އެމުސާރަ އެފަރާތްތަކަށް ދޭން ވާނެ ކަމަށެވެ.
އަދި މިހާލަތާއި ގުޅިގެން ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރި ނުވުމަކީ އެކުޅުންތެރިންގެ ކުށެއް ނޫންކަމަށްވާއިރު ކުޅިވަރުގެ ގިނަ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ހާއްސަކޮށް މިދަނޑިވަޅުގައި ކުޅުންތެރިންނަށް އެމީހުންނަށް ދޭން ކަނޑައަޅާފައިވާ މިންވަރު ލިބެން ޖެހޭނެއެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ ސަރުކާރުން ކޮންމެ މަހަކު 1.4 މިލިއަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުން އަންނަ ކަމަށެވެ. އަދި ހުރިހާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް އަންހެން ފިރިހެން ތަފާތު ކުރުމެއްނެތި 5000 ރުފިޔާ ސަރުކާރުން ދެމުން އަންނަ ކަމަށެވެ.