މިނިސްޓަރު އަހުމަދު މަޙުލޫފް

އިސްލާމިކް މިނިސްޓްރީން ހަވާލުކުރި ކަދުރު ކޮމިޔުނިޓީީ އެމްޕަވަމެންޓް މިނިސްޓްރީން ނިކަމެތީންނަށް ފޯރުކޮށްދީފި

އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތީން ކޮމިޔުނިޓީީ އެމްޕަވަމެންޓް މިނިސްޓްރީން ނިކަމެތީންގެ ގިނަބަޔަކަށް ކަދުރު ފޯރުކޮށްދީފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ 436 ގޭބިސީގެ ލިސްޓެއް ލިބިފައިވާ ކަމަށެވެ. އަދި އެލިސްޓުގެ ތެރެއިން މިހާތަނަށް ފޯނުން ގުޅުނު ހުރިހާ ފަރާތްތަކަށް ކަދުރު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނުގުޅުމުގެ ސަބަބުން އަދި ބައެއް ފަރާތްކަށް ކަދުރު ފޯރުކޮށް ނުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ލިސްޓު ކުރެވިފައިވާ 436 ގޭބިސީގެ ލިސްޓެއް އެބައޮތް ހަވާލުކޮށްފަ. އަޅުގަނޑުމެންނަށް ހަވާލު ކުރި 436 ގޭބިސީގެ ތެރެއިން މިހާތަނަށް އަޅުގަނޑުމެންނަށް އެކި ސަބަބުތަކާއި ހެދި ނުގުޅި ހުރި ފަރާތްތަކަށް ނޫނީ އެހެން ހުރިހާ ފަރާތްތަކަށް ކަދުރު ހަވާލުކުރެވިއްޖެ." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ކަދުރާއި ގުޅިގެން އިއްޔެ އެކި އެކި ސުވާލުތަކާއި ފާޑުކިޔުން އަމާޒުވި ކަމަށާއި އެމަސައްކަތަކީ ޔޫތު މިނިސްޓްރީގެ މެންޑޭޓުގައިވާ ކަމެއް ނޫން ކަމަށާއި އެމަސައްކަތަކީ އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޮވިިޑް އާ ގުޅިގެން މާލެ ފުރަ ބަންދުވެފައި ވުމުގެ ސަބަބުން ކުރިން ކަދުރު ބަލައި އަންނަ އުސޫލަށް އަމަލު ކުރެވެން ނެތުމުން އެތަކެތި އާންމުންނަށް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އެކަން ކޮށްދެއްވީ ކަމަށެވެ.