އަހްމަދު ނިހާން ހުސައިން މަނިކު

ޝައިނީއަށް އަދީބު ދެއްވި ޖަވާބު ޕީޕީއެމް ކައުންސިލުން ތަހުގީގުކުރަން ޖެހޭ: ނިހާން

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްވި ޖަވާބު، ޕީޕީއެމް ކައުންސިލުން ތަހުގީގުކުރަން ޖެހޭ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެހެން ވިދާޅުވެފައިވަނީ އަދީބާ ބައްދަލުކުރެއްވުމަށް ފަހު ޝައިނީ ކުރެއްވި ޓުވީޓު ރީޓުވީޓު ކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.

އަދީބާ ބައްދަލުކުރެއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބާ ބައްދަލުކުރެއްވީ ފިނިފެންމާ ލޯންޗުކޮޅުގައި ގޮއްވާލައި އޭނާ އަވަހާރަކޮށްލަން އުޅުނީ ކާކުތޯ ބެލުމަށް ކަމަށާއި އެކަމާ ގުޅޭގޮތުން އަދީބު ދެއްވި ޖަވާބު ގަބޫލުކުރެވޭ ކަމަށެވެ.

"ގިނަ ދުވަސްތަކަކަށްފަހު އަދީބާ ބައްދަލުވެއްޖެ. އަދީބާ ބައްދަލުކުރީ ލޯންޗު ގޮއްވާލި ހާދިސާގައި އަޅުގަނޑު މަރާލަން އުޅުނީ ކާކުތޯ ބަލައި އޮޅުންފިލުވުމަށް. އަދީބުގެ ޖަވާބު ގަބޫލުކުރެވޭ،" ޝައިނީ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 27ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް އަނިޔާވެފައިވެއެވެ. އެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި އިރު، އެ ލޯންޗުކޮޅުން ރައީސް ޔާމީނާއި ފާތިމަތު އިބްރާހީމްގެ އިތުރުން ޝައިނީ ވެސް ދަތުރުކުރެއްވިއެވެ.

ގިނަ ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ޑޮކްޓަރުގެ ލަފަޔާއެކު އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.