އަލީ ޔާމިން
ކޮވިޑް 19ގެ ސާމްޕަލްތައް ނެގުމަށް ހާއްސަކޮށްފައިވާ "ސާމްޕްލިން ކިއޮސްކް" ތަކެއް ދިރާގުން ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.
ދިރާގުން ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕްރިންޓް ލެބުން ޑިޒައިންކޮށްފައިވާ މިފަދަ 15 ކިއޮސްކް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނީ މިކިއޮސްކް އަކީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި، ބަލިމީހާއާއި ގައިދުރުކަން ބަހައްޓައިގެން ސާމްޕަލް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ ކިއޮސްކްތަކެއް ކަމަށެވެ. މިކަމުގެ ސަބަބުން ބަލިމީހުންގެ ގައިން ސާމްޕަލް ނަގާ ހެލްތު އޮފިޝަލުންގެ ރައްކާތެރިކަން އިތުރަށް ޔަގީންކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ދިރާގުން ހަދިޔާކުރި ކިއޮސްކްތައް ބޭނުންކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި ކަމަށެވެ.
ދިރާގުން ހަދިޔާކުރި މި ކިއޮސްކްތަކުގެ ސަބަބުން ކޮންމެ ސާމްޕަލެއް ނެގުމަށް ބޭނުންކުރާ ރައްކާތެރިކަމުގެ އާލާތް (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް - ޕީޕީއީ) ބޭނުންކުރަން ޖެހޭ މިންވަރު މަދުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ޕީޕީއީގެ އާލާތްތަކަކީ މިހާރު ދުނިޔޭގެ މާކެޓްތަކުގައި ލިބުން ވަރަށް ދަތި، އަދި ކުރީ ސަފުގައި މަސައްކަތްކުރާ މަސައްކަތްތެރިން ކޮވިޑް 19 އިން ރައްކާތެރިކުރުމަށް ރާއްޖެއިންވެސް ހޯދުމަށް އެންމެ އިސްކަމެއް ދީގެން މަސައްކަތްކުރާ އާލާތްތަކެވެ.