ޚަބަރު

ފެންފުށީގައި ފުލުހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފި

އދ. ފެންފުށީގައި ފުލުހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު ހަތް މީހުންގެ ގްރޫޕަކުން ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ މުދަލަށް ގެއްލުންދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހަކާއި، 37 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެއް ކަމަށެވެ.

އެ ހަތް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށާއި އެ މައްސަލައިގައި ރޭ އެކަކު ހައްޔަރުކުރި އިރު، އަނެއް ހަ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ފެންފުށީގައި މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުން ގިނަވުމާއި، މާލެ ނުވަތަ އެހެން ރަށަކުން ފެންފުއްޓަށް އަންނަ ފޮށިގަނޑުތަކުގެ ތެރޭގައި އެމީހުންނަށް ނިސްބަތްވާ ތަކެތި މާގިނައިން ބަލައި ފާސްކުރާ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ބިރުދައްކައި، މުދަލަށް ގެއްލުންދިނުމުގެ ސަބަބުން ކަމަށެވެ. އެ ހާދިސާގައި ޕޮލިސް ސްޓޭޝަނުގެ ދޮރު ހަލާކުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ދެ މީހަކަށް ފަސް ދުވަސް އަދި ފަސް މީހަކަށް ދިހަ ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.