ޚަބަރު

ރިލީފް ޕެކޭޖުން އެހީ ލިބޭ ކުންފުނިތަކުން މުވައްޒަފުންނާ މެދު އިހާނެތިކޮށް ހިތާނަމަ ޖޫރިމަނާކުރަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19ގެ ސަބަބުން ގެއްލުންވި ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ޕެކޭޖު އެހީ ލިބޭ ކުންފުނިތަކުން މުވައްޒަފުންނަށް އިހާނެތިކޮށް ކަންތައްކުރާ ނަމަ، ދޫކުރާ ލޯނު ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނަގަން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ސަރުކާރަށް ހުށަހަޅަން ނިންމައިފިއެވެ.

އެކޮމިޓީން މިގޮތަށް ނިންމާފައިވަނީ، ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިޖުތިމާއީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ހިމަނައިގެންނެވެ.

އެ ރިޕޯޓުގައި ކޮމިޓީން ހިމަނާފައިވަނީ، މޮރޮޓޯރިއަމް ޕެކޭޖް ދިނުމަށް ފަހު، އެފަރާތްތަކުން އަމަލުކުރާގޮތް މާލެ އާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުންގެންދަން ޖެހޭނެ ކަމށެވެ.

މީގެ އިތުރުންވެސް އިތުރު ބައެއް ކަންތައްތައް ރެކޮމެންޑޭޝަންގެ ގޮތުގައި ރިޕޯޓުގައި ކޮމިޓީން ވަނީ ހިމަނައިފައެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ކޮމިޓީގެ އެ ހުށަހެޅުންތަކުގެ އަމާޒަކީ، ކޮވިޑާ ގުޅިގެން ތައާރަފުކުރާ މޮރޮޓޯރިއަމް ފެކޭޖުތަކަކީ، އިގުތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ފަދަ ގޮތަކަށް ބައްޓަންވެފައިވާ ޕެކޭޖުތަކަކަށްވުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބުން ޔަގީންކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާވުމާއި ރައްޔިތުންގެ މެދުގައި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވަމުންދާ އެކި ކަހަލަ ދަތިތައް ލުއިވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ވީހާވެސް ރަނގަޅަށް ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމަށް ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު އިގުތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އެފަރާތްތަކަށް ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ.