މި ނާޒުކު ދަނޑިވަޅުގައި ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހް ކުރެއްވި ޓުވީީޓެއްގައި ވިދާޅުވީ މި ނާތަހުޒީބު ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. މަލީހް ވިދާޅުވީ އެމައްސަލަ ތަހުގީގީ އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.
ހެލްތު މިނިސްޓްރީއާއި އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، މިއަދުވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ދެވެބްސައިޓު ހެކްކޮށްފައިވީ ނަމަވެސް ކޮވިޑާ ގުޅޭ މައުލޫމާތު ދިނުމަށް ހުޅުވި ވެބްސައިޓަށް އެއްވެސް ހަމަލާއެއް ދެވިފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ ވީޑިއޯގައި ވަނީ ސަރުކާރުގެ ވެބްސައިޓުތައް ހެކްކޮށް، ކޮންފިޑެންޝަލް މައުލޫމާތު އާންމުކުރާނެ ކަމުގެ އިންޒާރުދީފައެވެ. އަދި ސަރުކާރުގެ ޕްލޭންތައް ބަދަލު ނުކުރާހާ ހިނދަކު، މިކަން ނުހުއްޓާނެ ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ.
ހެލްތު މިނިސްޓްރީއާއި އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައި ވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ހެކަރުން ހެކްކުރި ދެ ވެބްސައިޓުވެސް މިހާރު މަސައްކަތް ކުރެއެވެ.