ޚަބަރު

ހޯމް އައިސޮލޭޝަނަށް ފަހު މިނިސްޓަރު މަހުލޫފު އެނބުރި ޑެލިވަރީ ހިދުމަތަށް

އައިދާ އަބްދުލް ހަކީމް

ހޯމް އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެނބުރި އިހުސާން ފިހާރައިގެ ޑެލިވަރީ ހިދުމަތާ ގުޅިވަޑައިގެންފިއެވެ.

އިހުސާން ފިހާރައިގެ މުވައްޒަފުންތަކެއް ކޮވިޑް 19އަށް ޕޮޒިޓިވްވުމާއެކު މިނިސްޓަރު މަހުލޫފަށް ވަނީ ހޯމް އައިސޮލޭޝަންގައި ހުންނެވުމަށް އަންގައިފައެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، 15 ދުވަހަށް ފަހު އިހުސާން ފިހާރައިގެ ވޮލެންޓިއަރުންނާއެކު އެނބުރި މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

ޑެލިވަރީ ކުރުމުގައި ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޑެލިވަރީ ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކަން ކަމަށް މިނިސްޓަރު މަހުލޫފު ފާހަގަކުރެއްވިއެވެ.

މާލެ ލޮކްޑައުންކުރުމާއެކު، ޑެލިވަރީގެ ހިދުމަތަށް ބާރުބޮޑުވެފައިވާ އިރު، ޑެލިވަރީ ހިދުމަތް އަވަސްކޮށްދިނުމަށް ގިނަ އަދަދެއްގެ ވޮލެންޓިއަރުން އަންނަނީ ހަަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންވެސް ހިމެނެއެވެ.