މިސްރުގެ އުތުރު ސިނާއީ ޕެނިންސިއުލާގައި ދިން ޓެރަރިޒަމްގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ. އެކަން ކުށްވެރިކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
މިސްރުގެ އުތުރު ސިނާއިގެ ބީރް އަލްއަބްދު ސިޓީގައި ދަތުރުކުރަމުން ދިޔަ މިސްރުގެ އަސްކަރިއްޔާގެ ވެހިކަލަކަށް ދިން ހަމަލާއެއްގައި ސިފައިންގެ ބައެއް މީހުން މަރުވެ، ބައެއް މީހުން ޒަހަމްވުމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޓެރަރިޒަމްގެ މިފަދަ ހަމަލާތަކުގެ ސަބަބުން ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އިސްލާމީ އުއްމަތަށް މުގައްދަސް މައްސަރެއްކަމަށްވާ ރަމަޟާން މަހު، އަދި ވަކިން ހާއްސަކޮށް ކޮވިޑް 19 އާ ދެކޮޅަށް މުޅި ދުނިޔެއިން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިފައިވާ މިދަނޑިވަޅުގައި މިފަދަ ހަމަލާތަކުގެ ސަބަބުން ނިކުންނަ ނަތީޖާ އެތައް ގުނައެއް ގޯސްވެގެން ދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން މިދަނޑިވަޅުގައި ދިވެހިންނާ ދިވެހި ސަރުކާރުން މިސްރުގެ ރައްޔިތުންނާ، އެގައުމުގެ ސަރުކާރާއެކުގައި އޮތްކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި ޓެރަރިޒަމްއާއި ދެކޮޅަށް ދިވެހި ސަރުކާރުން އަބަދުވެސް ތެދުވާނެކަމުގެ ޔަގީންކަންވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
މިސްރުގައި ބޮމުގެ ވަރުގަދަ ހަމަލާއެއްދީ ދިހަ މީހަކު މަރާލައިފައިވާ އިރު މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. މި ހަމަލާ ދީފައި މިވަނީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު، ހަނގުރާމަވެރިންނާއި ދެކޮޅަށް މިސްރުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ހަތް ނިރުބަވެރިއަކު މަރާލާފައި ވަނިކޮށެވެ. އެހެންކަމުން މިއަދުގެ ހަމަލާއަކީ އެ އޮޕަރޭޝަން އާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވަނީ ބެލެވިފައެވެ.