ޚަބަރު

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ އެނބުރި ގައުމީ ހިދުމަތަށް، ހާއްސަ ޝުކުރެއް ސިފައިންގެ ވެރިންނަށް

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ، އެނބުރި ގައުމީ ހިދުމަތަށް ނުކުމެއްޖެއެވެ.

އޭނާއަކީ އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވޮރަންޓް އޮފިސަރު އެކެއް މުއައްމަރު މުހައްމަދެވެ. އޭނާ ރާއްޖެ އައިސް ފުރަތަމަ ހުރީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގައެވެ. އެމީހާއަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރުމުން ނަތީޖާ ލިބިފައިވަނީ މާޗް 27 ވަނަ ދުވަހުއެވެ.

އޭނާ ބަލިން ރަނގަޅުވެފައިވާކަން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކޮވިޑް ބަލިން ރަނގަޅުވުމުން ހަމްދުކޮށް މުއައްމަރު މިއަދު ކުރި ޓުވީޓެއްގައި ބުނީ، ބަލިން ރަނގަޅުވެ ގައުމަށް ހިދުމަތް ކުރަން ފެށުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ ލީޑާޝިޕުން ދެއްކެވި ލީޑާޝިޕާއި ދެއްވި ހިތްވަރަށް ޝުކުރު އަދާކޮށްފައިވެއެވެ.

އޭގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އޭނާއަށް ފަރުވާދީ އަޅައިލި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށާއި މި ދަނޑިވަޅުގައި ވެސް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތްތެރިންނަށް ވެސް އޭނާގެ ޓުވީޓުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

މުއައްމަރު އެނބުރި ސިފައިންގެ ހިދުމަތަށް ނުކުތުމުން ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.