ޚަބަރު

ކޮވިޑާ ގުޅިގެން ހިންގާ ޕްރޮކިއުމަންޓުތަކުގައި ކޮރަޕްޝަން ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން އަންގައިފި

1

ކޮވިޑް 19ގެ ހާލަތުގައި ދައުލަތުން ހިންގާ ޕްރޮކިއުމަންޓުތަކާއި ކުރާ ހަރަދުތަކުގައި ކޮރަޕްޝަންގެ އަމަލުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގީ ކޮވިޑާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން އަދި އިދާރާތައް އެކުއެކީ ކުރަމުން އަންނަ އެންމެހައި މަސައްކަތްތަކާއި ކަންކަން ކުރަމުންގެންދަނީ ކޮރަޕްޝަންގެ އަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަގީންކުރުމަށްޓަކައި މިހާރަށްވުރެ ވެސް ބޮޑަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އިތުރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވި ސާކިއުލާއެއްގައެވެ.

މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ކޮވިޑާ ދެކޮޅަށް ކުރާ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުރުމަށް ހާއްސަ އިރުޝާދުނާމާއެއް ވެސް އެކުލަވާލައިފައެވެ. ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާގައި ޖުމްލަ 10 ކަމަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގައިފައިވެއެވެ.

އެގޮތުން ކާރިސާގެ ހާލަތުގައި ދައުލަތަށް ހޯދާ ހިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމުގައި އާންމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރުމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ހާލަތްތަކުގެ ދަށުން ޕްރޮކިއުކުރާއިރު ކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުސޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަން ކަށަވަރު ކުރުމަށް އަންގާފައިވެއެވެ.

އޭގެ އިތުރުން އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ހާލަތްތަކުގައި ވެސް އެފަދަ އެއްބަސްވުންތަކުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް ހިމެނުމަށާއި އަދި ކުރާ މަސައްކަތެއްގެ މަގްސަދު ހާސިލުކުރެވޭނެ ފަދަ ބަޔަކާ މަސައްކަތް ހަވާލުކުރުމަށާއި ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތް ކުރުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ މަސައްކަތް ހަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ އެފަރާތުގެ އަސްލީ މަސައްކަތުގެ އިހްތިސާސްގައި އެފަދަ މަސައްކަތް ހިމެނޭ ފަރާތެއްކަން ޔަގީންކުރުމާއި އެ ފަރާތަކީ އެ ހަވާލުކުރެވޭ މަސައްކަތް ފަންނީ ނުވަތަ މާލީ ގޮތުން ކުރުމުގެ ގާބިލުކަން ލިބިގެންވާ ފަރާތެއްކަން ޔަގީން ކުރުމަށާއި އަދި މަސައްކަތް ކުރަމުންގެންދާއިރު މަސައްކަތް ކުރިއަށްދާވަރު ބަލައި ރަނގަޅަށް ސުޕަވައިޒްކުރަމުން ގެންދިއުމަށް ވެސް އަންގާފައިވެއެވެ.

އަދި ކުއްލި ހާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމުގެ ގޮތުން ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދުމާއި ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމާއި ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަން ބޭނުންވާ މަސައްކަތް އެ ވަގުތަކު ދިމާވެފައިވާ ކުއްލި ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރު ނުކުރުމަށް ވެސް ސާކިއުލާގައިވެއެވެ.

އޭގެ އިތުުރުން ބީލަމެއް ހަވާލުކުރުމަށްފަހު މާލިއްޔަތު ގަވާއިދުގެ 10.53 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން އެ އިދާރާއެއްގެ ވެބްސައިޓުގައި އެކަން ޝާއިއުކުރުމަށާއި ޝާއިއުކުރާއިރު ބީލަން ހަވާލުކުރެވުނު ތާރީހާއި ބީލަމުގެ ކުރު ހުލާސާއެއް އަދި ބީލަން ހަވާލުކުރެވުނު ފަރާތާއި ހަވާލުކުރެވުނު އަގު އަދި މުއްދަތު ހިމެނުމަށް އަންގާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟