ޚަބަރު

އަވަހަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ރަށްރަށުގައި ހަމަޖެއްސުމަށް އިދިކޮޅުން ގޮވާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް ބަލި ފެތުރިފައިވާ ރަށްރަށާއި، އެ ބަލި ފެތުރުމުގެ ނުރައްކާ އޮތް ރަށްރަށަށް ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުން ފޮނުވުމުގެ އިތުރުން ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް އަވަހަށް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އެކަމަށް ގޮވާލައި އިދިކޮޅު ކޯލީޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ށ. ނަދުރޫ ފަދައިން ކޮވިޑް 19 ފެތުރިފައިވާ ރަށްރަށާއި، ބަލި ފެތުރުމުގެ ބިރު އޮތް ރަށްރަށަށް ދޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.

ކޮވިޑްގެ އަސަރު ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ އިރު، މާލެ ފިޔަވައި އެންމެބޮޑަށް ފެތުރި، އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާ އެއް ރަށަކީ ނަރުދޫއެވެ. އާބާދީގައި 600 އެއްހާ މީހުން ހިމެނޭ ނަރުދޫގައި މިހާތަނަށް 11 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ހާލަތުގައި ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ އެ ކޯލިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ.

ނަރުދޫގައި ކޮވިޑް 19 އަށް ޓެސްޓް ކުރެވެން ނެތުމާއި، ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދިނުމަށް އެކަށީގެންވާ ޓީމެއް ނެތުމާއި، ބަލިމީހުންނާއި ސީދާ ބައްދަލުވެފައިިވާ އެތައްބަޔަކު ތިބިއިރު އެމީހުން ވަކިން ގެންގުޅެވޭނެ އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއް އެރަށުގައި ގާއިމުވެފައި ނެތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ބުނެފައިވެއެވެ.

އެރަށް އެއްކޮށް ބަނަދުކޮށްފައި އޮތުމާއެކު ރަށުން ބޭސް ނުލިބުމާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި، ސިއްހީގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނިޓައިޒާ އަދި އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީ ރައްޔިތުންގެ އިތުރު ހާސްކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.