ނައިޖީރިއާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ޗެލްސީގެ ކުރީގެ މިޑްފިލްޑަރު ޖޯން އޮބީ މިކެލް އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި "ސުޕާ އީގަލްސް"ގެ ނަމުން މަޝްހޫރުވެފައިވާ ނައިޖީރިއާ ޓީމުގައި އެންމެ އިސް ދައުރެއް އަދާކުރި މިކެލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ ބައިވެރިޔާގެ އިތުރުން ދެ ދަރިންނާ އެކުއެވެ.
މިކެލް ވަނީ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް ޝެއާކޮށްފައެވެ.
ނޯވޭގެ ކްލަބަކުން ސީނިއާ ކެރިޔަރު ފެށި މިކެލް، 2006 ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކިއެވެ. ޗެލްސީގައި މިކެލް ހޭދަކުރި ދިހަ އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި އެ ކްލަބަށް 240 މެޗު ކުޅުނެވެ. އޭނާ 2017 ވަނަ އަހަރު ޗެލްސީ ދޫކޮށްލުމަށް ފަހު ގުޅުނީ ޗައިނާގެ ޓިއާންޖިން ޓެޑާ އާއެވެ.
ޗެލްސީގައި މިކެލް ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދެ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު، ދެ ފަހަރު އެފްއޭ ކަޕް، ފުޓްބޯލް ލީގު ކަޕެއް، އެފްއޭ ކޮމިއުނިޓީ ޝީލްޑެއް، ޔޫއެފާ ޗެމްޕިއަންސް ލީގެއް އަދި ޔޫއެފާ ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.
ނައިޖީރިއާ ގައުމީ ޓީމާއެކު އޭނާ ވަނީ 2013ގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، 2016 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގެ ލޯ މެޑެލް ހޯދައިފައެވެ.