ހުއްދަ ނުހޯދައި ހދ. މަކުނުދޫން އެ އަތޮޅު ނޭކުރެންދުއަށް ދިޔަ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ނޭކުރެންދޫންނެވެ. އަދި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު
ދެއެވެ.
ރޭ ދަންވަރު 02:28 ހާއިރު މި ތިން މީހުން މަކުނޫދޫން ނޭކުރެންދުއަށް ގޮސްފައިވަނީ ޑިންގީއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މިމީހުން ހައްޔަރުކޮށްފައިވަނީ ނޭކުރެންދޫގެ ފުއްޓަރު ފަރާތު ފަޅުތެރެއަށް ޑިންގީކައިރިކޮށް ރަށަށް ފައިބަނިކޮށް، ޕެޓްރޯލު ކުރަން އުޅުނު ފުލުހުންނަށް ފެނިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 32 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާ ގުޅިގެން މުޅި ގައުމު ލޮކްޑައުންކޮށް، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކައުންސިލް ނުވަތަ ރަށުގެ ކޮވިޑް ޓާސްކް ފޯހުގެ ހުއްދަ ނަގައިގެން ދަތުރު ކުރުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.