އިބްރާހިމް ޒަކީ
ނޫސްވެރިކަމުުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު ޒުވާން ނޫސްވެރިންގެ ތެރެއިިން ގެއްލުވާލާފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާނާއި މަރާލާފައިވާ ނޫސްވެރިޔާ ޔާމީން ރަޝީދުގެމަތިން ހަނދާންކޮށް އެފަރާތްތަކުގެ އާއިލާތަކަށް އަދިވެސް އިންސާފު ނުލިބިވާކަން ފާހަގަކުރައްވާ ކަމަށް، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވެއްޖެއެވެ.
މަރިޔަމް ވަހީދާ މިހެން ވިދާޅުވީ، ނޫސްވެރިކަމުުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ނެރުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި މަރިޔަމް ވިދާޅުވެފައިވަނީ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކުރިމަތި މިލަނީ، އިންސާނީ ހަޔާތުގައިވެސް މީގެކުރިން ކުރިމަތިވެފައި ނުވާފަދަ ބޮޑު ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ.
އެހެންކަމުން ނޫސްވެރީންގެ މަސައްކަތްތައް ވެސް މި ދުވަސްވަރު ބައްޓަންކުރަން ޖެހިފައިވަނީ، މި ވަބާއިން އިންސާނިއްޔަތު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ އެއް މިސްރާބަކަށް ކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ވެސް ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރެމުންދާއިރު ނޫސްވެރިންނަށް މިނިވަންކަމާއެކު އެކަމުގެ ހަބަރާއި މައުލޫމާތު ފެތުުރުމަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވީ ނަމަވެސް، އެފުރުސަތުގެ ބޭނުން ކުރަންވާނީ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ފަހު ސައްހަ މައުލޫމާތު ފެތުރުމަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"ދުނިޔޭގެ ސައިންޓިފިކް ކޮމިއުނިޓީން ރިސާޗްކޮށް ހާމަކުރާ މި ބަލީގެ އެންމެ ފަހުގެ މައުލޫމާތަކަށް ބުރަވެ ނޫސްވެރިކަން މި ދާއިރާގައި ފުޅާ ކުރުމަކީ މުހިއްމުކަމެއް ކަމަށް ދެކެން،" މަރިޔަމް ވިދާޅުވެފައިވެއެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް އައިސްފައިވާ އިގްތިސާދީ ހީނަރުކަމުގެ ނުރަނގަޅު އަސަރު މީޑިއާތަކަށް ވެސް ކޮށްފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަަވާ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.