ދިވެހި ރެޑް ކްރެސެންޓް

ދިވެހި ރެޑްކްރެސެންޓުން ހުޅުވި ކޮވިޑް ރިލީފް ފަންޑަށް 190000 ރުފިޔާ ލިބިއްޖެ

އައިދާ އަބްދުލް ހަކީމް

ދިވެހި ރެޑްކްރެސެންޓުން ހުޅުވި ކޮވިޑް ރިލީފް ފަންޑަށް 190000 ރުފިޔާ ލިބިއްޖެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން ރެޑްކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ މިދަނޑިވަޅަކީ އެންމެންގެ އެހީވެސް ބޭނުންވާ ވަގުތެއް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މިދަނޑިވަޅުގައި އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެހީތެރިވުމަށް ހުޅުވާލި ކޮވިޑް ރިލީފް ފަންޑަށް މިހާތަނަށް 190000 ރުފިޔާ ލިބިފައި އެބަހުރި،" ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން އެހީތެރިންކަން ފޯރުކޮށްދެނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން ބެލިބެލުމުން އޭގެތެރޭގައި ބިދޭސީން ގިނަ އަދަދަކަށް ހިމެނޭ ކަމަށާއި މަދުން ނަމަވެސް ދިވެހިން ވެސް އެހީތެރިކަމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަގުތީ ފެސިލިޓީތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ދީފައިވާ އެހީތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ހައިޖިން ކިޓްސް އަދި އެނޫން ތަކެތި ހިމެނޭކަން ވެސް ފާހަގަކުރެއްވިއެވެ.

ރެޑްކްރެސެންޓުން ބުނީ އެޖަމިއްޔާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުން އެޖަމިއްޔާގެ އެކައުންޓު މެދުވެރިކޮށް ނުވަތަ ރެޑްކްރެސެންޓުގެ ސައިޓުގައިވާ ޑޮނޭޓް ބަޓަން މެދުވެހިކޮށް އެހީތެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޑޮނޭޓް ކުރައްވާއިރު ރިމާކްސްގައި ކޮވިޑް މައިގްރަންޓް ފަންޑް ޖެހުމަށް ވެސް އެޖަމިއްޔާ އިން ވަނީ އެދިފައެވެ.