ދިވެހި ރެޑް ކްރެސެންޓް

ބިދޭސީންގެ ތެރޭން ގިނަ ބަޔަކަށް ކޮވިޑު ޖެހުނީ ދިރިއުޅެން ޖެހިފައިވާ ގޮތުގެ ސަބަބުން: ދިވެހި ރެޑްކްރެސެންޓް

ރާއްޖޭގެ މުޖުތަމައު ތެރެޔަށް ކޮވިޑު ބަލި ފެތުރިގެން ދިޔަ އިރު، ބިދޭސީންގެ ތެރޭން ގިނަ ބަޔަކަށް ކޮވިޑު ޖެހުނީ ދިރިއުޅެން ޖެހިފައިވާ ގޮތުގެ ސަބަބުން ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން ރެޑްކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ބިދޭސީން އުޅޭތަންތަނުގެ ހާލަތާއި މެދު މީގެކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެކަންބޮޑުވުން މިއަދުވެސް ތަކުރާރު ކުރާކަމަށެވެ.

ނާޝިދު ވިދާޅުވީ ބިދޭސީން އުޅޭ ގިނަ ތަންތަނަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ނުވާވަރަށް ހާލަތު ގޯސްވެފައިވާ ތަންތަން ކަމަށެވެ. އެތަންތަން ހުރީ ކޮވިޑް 19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރެން މަގުފަހިވާ ގޮތަށް ކަމަށެވެ.

"ބިދޭސީން އުޅޭތަންތަނުގެ ހާލާއި މެދު މީގެކުރިން ވެސް އަޅުގަނޑުމެން ވާނީ ކަންބޮޑުވުން ފާޅުކޮށްފަ. އެކަންބޮޑުވުން މިއަދުވެސް ތަކުރާރު ކުރަން. މީގެތެރެއިން ގިނަ ތަންތަނަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ނުވާވަރަށް ހާލަތު ގޯސްވެފައިވާ ތަންތަން. މިތަންތަން ހުރީ ކޮވިޑް 19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރެން މަގުފަހިވާ ގޮތަށް. ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ބަލިވެފައިވަނީ ދިރިއުޅެން މަދުޖޫރުވެފައިވާ ގޮތުގެ ސަބަބުން. ބައެއް ތަންތަން އެބަހުރި ޝިފްޓް ބަހައިގެން މީހުން ނިދާތަންތަން ވެސް." ނާޝިދު ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިން ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވެފައިވާ ތަންތަން ލޮކްޑައުން ކުރުމާއި އެފަދަ ތަންތަން ކަރަންޓީނު ކުރަންޖެހޭ ހާލަތުގައި އެކަންކަމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެޅޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނާޝިދު ގޮވައިލެއްވި އެވެ.

ރާއްޖޭގައި ދިރި އުޅޭ ބިދޭސީންގެ ތެރެއިން ކޮވިޑް 19 އަށް ފޮޒިޓިވް ވާ މީހުން ގެންދާ ދެތަނެއް މިހާތަނަށް ބަލައި މޮނިޓާކޮށް ރަނގަޅުކުރަން ޖެހޭކަންކަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.