ޚަބަރު

މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ބޭނުން މިހާރަށްވުރެބޮޑަށް ހިފުމަށް އިންފޮމޭޝަން ކޮމިޝަނަރު ގޮވާލައްވައިފި

އިބްރާހިމް ޒަކީ

މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ބޭނުން ނޫސްވެރިންނާއި ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ގޮވާލައްވައިފިއެވެ.

ކޮމިޝަނަރު މިކަމަށް ގޮވާލައްވާފައިވަނީ، މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ކޮމިޝަނަރު ވިދާޅުވެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގަކީ ގުޅިލާމެހިފައިވާ ހައްގުތަކެކެވެ. ދައުލަތުގެ މައުލޫމާތުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށް ވީހިނދު، މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ބޭނުން ނޫސްވެރިންނާއި ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް ގޮވާލައްވާ ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވެއެވެ.

ސުވާލުކުރުމާއި މައުލޫމާތު ހޯދަން އެދުމަކީ އާދަޔަކަށް ހަދައިފިނަމަ ދައުލަތެއްގެ ގޮތުގައި ލިބޭނެ އުފާވެރިކަން މާބޮޑުވާނެ ކަމަށާއި، މިއީ އެހެން ހައްގުތައް ފުރިހަމަވުމަށް ވެސް ލިބޭނެ ބާރެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަ ކުރާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގައި މިދިޔަ އަހަރު ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި، ކޮމިޝަނަރު ވިދާޅުވެފައިވަނީ ކުރަން ޖެހޭ މަސައްކަތް އިތުރަށް އެބަހުރި ކަމަށެވެ.

މައުލޫމާތު ލިބޭނެ ގޮތްތައް ފަސޭހަ ކުރަންޖެހޭ ކަމަށާއި، ދައުލަތުގެ އިދާރާތަކުގެ ހާމަކަން މިހާރަށް ވުރެ ވެސް ބޮޑުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިން ބިނާކުރަން ޖެހޭ ކަމަށާއި، އިތުރު ތަމްރީނުތައް ދޭން ޖެހޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވަނީ ކޮވިޑް 19 ގެ ދަތި އުނދަގޫ ހާލަތު ކަަަމަށް ވިދާޅުވެފައި ވެއެވެ.

މި ބިރުވެރި ހާލަތުގައި ވެސް، ގޭގައި ތިބެގެންނާއި، އާއިލާއާ ދުރުގައި، އޮފީހުގައި ބަންދުވެ ތިބެގެން ބިރެއް ނެތި ހިތްވަރާއެކު ނޫސްވެރިން ކުރަމުން ގެންދާ މަސައްކަތް ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މިދަނޑިވަޅުގައި މީޑިއާތަކަށް ހާއްސަ ލޯނެއް ސަރުކާރުން ތައާރަފުކުރުމަކީ، ހާލަތުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކޮމިޝަނަރު ވިދާޅުވެފައިވަނީ، ދޮގު މައުލޫމާތުގެ ބަލިމަޑުކަމަކީ، ނޫސްވެރިންނަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

"ދޮގު މައުލޫމާތުން އިތުރުކޮށްދޭނީ ގާފިލުކަމާއި ފަސާދަ. ހަމަނުޖެހުން. ނުތަނަވަސްކަން. އެހެންވެ، ކޮންމެ ފަރުދަކުވެސް މިކަމަށް ފިކުރު ހިންގައި، ދޮގު މައުލޫމާތު ހުއްޓުވުމަށް މަސައްކަތްކުރުން މުހިންމު،" ކޮމިޝަނަރު ވިދާޚޅުވެފައިވެއެވެ.