ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުއްﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަަމުގެ ދުވަހުގެ މުނާސަބަތުގައި، ނެރުއްވި ހިތާބުގައި އެމްއެމްސީގެ ރައީސް ވިދާޅުވީ، މިއަހަރުގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަ ކުރަމުން މިއަންނަނީ، ދުނިޔެއަށް މިއަދު ދިމާވެފައިވާ ބަލިމަޑުކަމުގެ ނާޒުކު ހާލަތުގައި ނޫސްވެރިން ރެއާއި ދުވާލު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންގެންދާ ދަނޑިވަޅެއްގައި ކަމަށެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މި ނުރައްކާތެރި ބިރުވެރި ހާލަތުގައި ރައްޔިތުންނަށް ހަބަރާއި އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފަސްޖެހުމެއްނެތި ދިވެހި ނޫސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ޝުކުރުދަންނަވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
،
މިއަދުގެ ޝިއާރު "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" އަށް އިޝާރާތް ކުރައްވައި ހިދާޔަތު ވިދާޅުވީ، މި ޝިއާރުން ދޭހަކޮށްދެނީ، ނޫސްވެރިން މަސައްކަތްކުރަންވާނީ، ލިބިދީފައިވާ މިނިވަންކަމުގެ އިމުގެ ތެރޭގައި ބިރެއް، ފަސްޖެހުމެއްނެތި ކަމަށާއި، ވަކިފަރާތަކަށް ވަކި އަތަކަށް ޖެހުމެއްނެތި ހަމަހަމަކަމާއި އިންސާފުން ކަމަށެވެ.
މިއަދުގެ ހާލަތަށް ރިއާޔަތްކޮށް، ނޫސްވެރިންވެސް ފަރުދީ ޒިންމާ އަދާކުރުމަށް އިސްކަންދިނުމާއެކު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުން މުހިންމުކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިދަނޑިވަޅުގައި ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު ރާއްޖެއިން 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނައަށް އަރާފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، 2018 ވަނަ އަހަރުންފެށިގެން ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތައް ރާއްޖެއިން ހޯދަމުން ދިއުމަކީ އުފަލާއެކު ފާހަގަކުރާކަމެއް ކަމަށެވެ.
މުސްތަޤްބަލުގައިވެސް މިކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި ދިވެހި މީޑިއާތަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަބަދުވެސް ދެމިއޮންނާނެކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ.