ޚަބަރު

އެމްޓީސީސީން ގުޅީފަޅުގައި ގާއިމުކުރި ފެސިލިޓީ އެންޑީއެމްއޭއާ ހަވާލުކޮށްފި

އައިދާ އަބްދުލް ހަކީމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގުޅީފަޅުގައި ގާއިމުކުރި އައިސޮލޭޝަން ފެސިލިޓީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ، އެންޑީއެމްއޭއާ ހަވާލުކުރި އެކޮމޮޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއަކީ 100،000 އަކަފޫޓުގެ ބިމެއްގައި ގާއިމުކުރި ފެސިލިޓީއެއް ކަމަށެވެ. މި ފެސިލިޓީއަކީ ކޮވިޑް 19ގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ ފަރާތްތައް އައިސޮލޭޓް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ގާއިމުކޮށްފައިވާ ތަނެކެވެ.

އެގޮތުން، އެ ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފްއާ ގުޅިގެން 600 އަށްވުރެ ގިނަ މީހުން އައިސޮލޭޓް ކުރެވޭވަރުގެ ތަނެއް ގާއިމުކޮށްފައިވަނީ އެންމެ ނުވަ ދުވަހުގެ ތެރޭގައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި ފެސިލިޓީގެ އިތުރުން ވެސް ކޮވިޑް 19 އައުޓްބްރޭކުގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ ފަރާތްތައް އައިސޮލޭޓް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީ ޓްވީޓް

ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ ތޮއްޖެހިފައިވާ ބިދޭސީން ހޯދައި އެމީހުން އެކިއެކި ފެސިލިޓީތަކަށް ބަދަލުކުރުމަށެވެ. އެގޮތުން މިހާތަނަށް 113 ބިދޭސީއަކު ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.