އަރަބި ގައުމުތަކުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަދުރުގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވަން ޖެހޭ ކަދުރާ ކައުންސިލްތަކުން ހަވާލުވުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކަދުރާ ހަވާލުވާނެ މީހަކު ފޮނުވާފައި ނުވާ ކައުންސިލްތަކުން މިމަހު 11ވަނަ ދުވަހުގެ 17:00ގެ ކުރިން މާލޭގައި ހުރި މީހަކު މިނިސްޓްރީއަށް ކަދުރާއި ހަވާލު ވުމަށް ފޮނުވުމަށް އެދިފައެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތި ދުވަސްވަރެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ މި ދަނޑިވަޅުގައި ވީހާވެސް ގިނަ ކައުންސިލްތަކަކުން ކަދުރާއި ހަވާލުވެ ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މިކަންކަން ކައުންސިލްތަކުން ހަމަޖެއްސުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި މުއްދަތުގެ ނިޔަލަށް ކައުންސިލްތަކުން ނުގެންދާ ކަދުރުތައް އެކި ފެސިލިޓީތަކަށް ދިނުމަށް ވަނީ ނިންމާފަވެއެވެ. އެގޮތުން މަސައްކަތުގެ ގޮތުން އެކަހެރިވެފައި ތިބި ފެސިލިޓީތައް، ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް، އަދި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ފެސިލިޓީތަކާއި ބިދޭސީން ތިބި ފެސިލިޓީތަކަށް ކަދުރު ދިނުމަކީ މިހާލަތުގައި މުހިއްމު ކަމެއްކަމަށް ދެކޭ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރޯދަމަހާއި ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނާއި ޔޫއޭއީގެ ހަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަނުންނެވެ. މިހާތަނަށް ކަދުރު ނުބެހި ހުރީ ކޮވިޑް 19 އާއި ގުޅިގެން ޖެހިފައިވާ ހާލަތުގެ ސަބަބުން ކަމަށް މީގެ ކުރިން މިނިސްޓްރީން ބުނެފައި ވެއެވެ.