އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ޕެކޭޖަށްފަހު، ވިޔަފާރިތައް ސަލާމަތްކުރަން ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ގެންނާން މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ގެއްލުން ލިބޭ ވިޔަފާރިތަކަށް ސަރުކާރުން މިހާރު ދޫކުރާ ރިލީފް ލޯނު އެހީއަކީ ހާލަތު ބަދަލުކުރަންދޭ މާލީ އެހީއެއް ނޫންކަމަށާއި އެއީ މިދަނޑިވަޅުގައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ދޭ އިކޮނޮމިކް ރިލީފް ފަންޑެއްކަމަށެވެ.
މަގުސަދަކީ ވިޔަފާރިތަކާއެކު މުވައްޒިފުން ހިފެހެއްއްޓުން ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ވިޔަފާރިތަކަށް މައްސަލަތައް ކުރިމަތިވެ، ބަންގުރޫޓުވާން ފެށުމުން ގިނަބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.
ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތައް، އެހާ ކުއްލި ގޮތަކަށް ނޭވާ ހޮޅިއަށް އެޅިފައިވަނީ އިގްތިސާދުގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. ނޫންނަމަ އެހާ ފަސޭހައިިން ވިޔަފާރިތަކަށް މައްސަަލަތައް ދިވާނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިދަނޑިވަޅުގައި ވިޔަފާރިތަކަށް، ރިލީފް ޕެކޭޖެއް ގެނައި ނަމަވެސް ރައްޔިތުންގެ މަޖިލީހާ މަޝްވަރާކޮށްގެން އިތުރު ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތައް ދެމެހެއްޓުމަށް، މަސްވެރިމާއި، އެހެން ވިޔަފާރިތަކަށް ލޯނު ދިނުމަށް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ބޮޑު ސްޓިމިއުލަސް ޕެކޭޖެއް ނެރެން ޖެހޭ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފު ކޮށްފައެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ ރާއްްޖޭގެ އިގްތިސާދަށް މިއައި ބަދަލާއެކު، އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކުރުމުގެ މަަސައްކަތްތައްވެސް ކުރިއަށް އެބަދާ ކަމަށެވެ.