މިންހާ ފާއިޒް ރަޝާދު
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއަށް ލިބިވަޑައިގެންނެވި ފިރިހެން ދަރިކަލުންނަށް، ނަންފުޅު ދެއްވި އިރު، އެނަންފުޅުގައި ބޮރިސް އަށް ކޮވިޑް ޖެހިގެން ފަރުވާ ދިން ޑޮކްޓަރުންގެ ނަން ހިމަނުއްވައިފި އެވެ.
ބޮރިސް އާއި ކެރީ ސައިމޮންޑްސްއަށް ލިބިވަޑައިގެންނެވި ދަރިކަލުންނަށް ދެެއްވި ނަންފުޅަކީ ވިލްފްރެޑް ލޯރީ ނިކޮލަސް ޖޯންސަންއެވެ. އެބޭފުޅާ އުފަންވީ މިދިޔަ ބުދައިގައެވެ.
"ވިލްފްރެޑް އަކީ ބޮރިސްގެ ބައްޕާފުޅުގެ ނަން. ލޯރީ އަކީ އަހަރެންގެ ބައްޕަގެ ނަން. ނިކޮލަސް އަކީ ޑރ ނިކް ޕްރައިސް އަދި ޑރ ނިކް ހާޓް (ބޮރިސްއަށް ކޮވިޑް19 ޖެހުމުން ފަރުވާދިން ދެ ޑޮކްޓަރުން) އަށް ނިސްބަތްކޮށް ހިމެނި ނަމެއް" ޕްރައިވެޓް އިންސްޓަގްރާމުގައި ކެރީ ހިއްސާކުރެއްވި ޕޯސްޓެއްގައި ވެއެވެެ.
ކޮވިޑް ބަލިން ފަސޭހަވެ ބޮރިސް އެނބުރި މަސައްކަތަަށް ނުކުމެވަޑައިގަތީ މިދިޔަ ހަފުތާގެ ހޯމައިގަައެވެ. ބޮރިސް އަކީ ދުނިޔޭގެ ލީޑަރުންގެ ތެެރެއިން ކޮވިޑްޖެހުނު ފުރަތަމަ ބޭފުޅާއެެވެ. ބޮރިސްއަށް ކޮވިޑް ޖެހުނީ މިދިޔަ މާޗްގައެވެ. ގޭގައި ދިހަ ދުވަސް ހޭދަކުރެއްވިފަހުން ހާލުކޮޅު ބޮޑުވެ ހޮސްޕިޓަލަށް ބަދަލު ކުރެވުނެވެ. އަދި ތިން ދުވަސް ވަންދެން އިންޓެންސިވް ކެއާގައި ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންނެވި އެވެ.
ކެރީވެސް ވަނީ ކޮވިޑްގެ އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ޓުވިޓާގައި ވިދާޅުވެފަ އެވެ.