ޚަބަރު

ރާއްޖޭގައި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ: މިނިސްޓަރު އިމްރާން

އަލީ ޔާމިން

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާ އިރު، އެ ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ ހައްލެއް ލިބިފައިނުވާ ބިދޭސީންގެ މައްސަލަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަތި ތަންތަނުގައި ދިރިއުޅޭ ބިދޭސީން އެތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ސަރުކާރަށް ބުރަބޮޑު އެހެންނަމަވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ.

ރާއްޖޭގައި 519 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރޭގައި ގިނައީ މާލޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީންނެވެ. އަދި އެމީހުންގެ މެދުގައި ބަލި ބޮޑަށް ފެތުރޭކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންވެ، ސަރުކާރުން އަންނަނީ ތޮއްޖެހިފައިވާ ތަންތަނުން މީހުން ނެރެ، ޖާގަ ތަނަވަސް ފެސިލިޓީތަކަށް އެމީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ބިދޭސީން ދިރިއުޅޭ 20 އަށްވުރެ ގިނަ ތަންތަން ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވީ، ކޮވިޑް 19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން، މާލެއިން ބޭރުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށެވެ. މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައިމިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކޮވިޑުގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީންކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގަވާފައިވާތީއެވެ.