ކޮވިޑް 19 އަށް ހުށަހެޅިފައިވާ ބިދޭސީން މާލޭން ބޭރުގައިވާ ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް މިރޭ ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ކުރެއްވި ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިމިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކޮވިޑުގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީންކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގަވާފައިވާތީއެވެ.
މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާލޭގައި އެއްތަނެއްގައި ދިރިއުޅޭ ބިދޭސީން މާލޭން ބޭރު ފެސިލީޓީތަކަށް ގެންދިއުމުގެ އިތުރުން، މާލެ ލޮކްޑައުންވުމާ ގުޅިގެން ތާށިވެފައި ތިބި މީހުން، އެމީހުންގެ ރަށަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.
ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުން، އެމީހުންގެ ރަށަށް ފޮނުވުމުގެ އުސޫލަށް މިހާރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށާއި އަދި ކޮވިޑް 19ގެ ހާލަތު ރަނގަޅުކޮށް، ކާވް ތިރި ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކުގައި މާލެ އައި ގިނަ ބަޔަކު ވަނީ މާލެ ލޮކްޑައުންވުމާ ގުޅިގެން ރަށްރަށަށް ދެވޭނެ ގޮތް ނުވެފައެވެ. އަދި ހަމައެގޮތަށް މާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކަށް ވަނީ މާލެ އާދެވޭ ގޮތް ނުވެފައެވެ.
ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ވަނީ އަތޮޅުތެރޭ ރަށްރަށުން ވެސް ގިނަ ކޭސްތަކެއް ފެނިފައެވެ. މިހާތަނަށް މިބަލި 519 މީހުންނަށް ޖެހިފައިވާ އިރު ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަންގުލަދޭޝްގެ މީހުންނެވެ. ބަލި ޖެހުނު 519 މީހުންގެ ތެރެއިން 265 މީހުންނަކީ ބަންގުލަދޭޝްގެ މީހުންނެވެ. އޭގެ ތެރެއިން އެއް ތަނެއްގައި ދިރިއުޅެމުންދާ މީހުން ގިނައެވެ.