ޚަބަރު

ބޭރުގެ އެކުވެރިންނާއެކު މި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިއުމުގެ އަޒުމާއި ހިތްވަރު އެބަހުރި: ޝާހިދު

2

ބައިނަލްއަގުވަމީ މުޖުތަމައުގައި ތިބި ރާއްޖޭގެ އެކުވެރިންނާއެކު, މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިއުމުގެ އަޒުމާއި ހިތްވަރު އަދި އެ ސާބިތުކަން އެބަހުރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރާއި އެގައުމުގެ ބައެއް ކުންފުނިތަކުން ހަދިޔާކުރި ސިއްހީ ސާމާނު ރާއްޖެއަށް ލިބުމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ދުނިޔެއަށް ޖެހިފައިމިވަނީ ހީވެސް ނުކުރާފަދަ ދަތި އުނދަގޫ މުސީބާތެއް ކަމަށެވެ.

އެގޮތުން ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއަށް މި ބަލިމަޑުކަމުން ލިބޭ އިގުތިސާދީ ގެއްލުން ނުހަނު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މެދު-އާމްދަނީ ލިބޭ ގަައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްގީވަމުންދިޔަ ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ގައުމަކަށް ބަދަލުވެފައި ކަމަށެވެ.

"ބައިނަލްއަގުވަމީ މުޖުތަމައުގައި ތިބި އަޅުގަނޑުމެންގެ އެކުވެރިންނާއެކު, މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިޔުމުގެ އަޒުމާއި, ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި އެބަހުރި،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރި ރަހުމަތްތެރިއެއް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއެކު ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިހުލާސްތެރިކަމުގެ ޝުއޫރު ފާޅުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟