ޚަބަރު

ޗައިނާ ސަރުކާރާއި ޖެކް މާ އަދި ޗައިނާގެ ކުންފުނިތަކުން ހަދިޔާކުރި ސިއްހީ ސާމާނު ރާއްޖެ ގެނެސްފި

2

ޗައިނާ ސަރުކާރާއި ޗައިނާގެ އަލީބާބާގެ ފައުންޑަރު އަދި ބިލިޔަނަރު ޖެކް މާ އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ހަދިޔާކުރި ސިއްހީ ސާމާނު ރާއްޖެއަށް ގެނެސްފިއެވެ.

އެތަކެތި ރާއްޖެ ގެނެސްފައިވަނީ ޗައިނާގެ ސުޕާނާ އެއާލައިންސްގެ މަތިންދާ ބޯޓެއްގައެވެ. ސިއްހީ ސާމާނު ހަދިޔާކުރި ޗައިނާގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުނިތައް ވެސް ހިމެނެއެވެ.

މިއަދު ރާއްޖެ ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ:

  • ޗައިނާ ފޮރިން މިނިސްޓްރީން: 20،000 ކޭއެން95 މާސްކު
  • ގުއާންޒީ ރީޖަންގެ ސަރުކާރުން: 18080 މާސްކު، 1500 ކޭ95 މާސްކު، 200 ގޮގުލްސް، 100 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 50 އިންފުރާޑް ތާމޯމީޓާ
  • ޗައިނާ މާޗަންޓްސް ޕޯޓް ގުރޫޕް: 50،000 މާސްކު
  • ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން: 6000 މާސްކު
  • ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން: 20 ކެއާ ބެޑްސް
  • ވާވޭ ޓެކްނޮލޮޖީސް: 10،000 މާސްކު
  • ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ: 3000 މާސްކު އަދި 250 މެޑިކަލް ޕްރޮޓެކްޓިވް ސޫޓު
  • ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް: 5000 މާސްކާއި 300 ގޮގުލް
  • ޖެކް މާ ފައުންޑޭޝަން: 90000 މާސްކު، 10000 އެން95 މާސްކު، 10000 ޑައިގްނޯސްޓިކް ރީޖެންޓް ކިޓު، 10000 ސާމްޕަލިން ސްޓިކް އާއި 10000 ޑިޓެކްޝަން ރީޖެންޓް އެކްސްޓުރެކްޓެންޓް އަދި 10 ވެންޓިލޭޓަރު

ޗައިނާއިން ފޮނުވި މި އެހީތަކާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ފުލައިޓެއް ފުރާ, ކޮވިޑުގެ ބަލިމަޑުކަމުން ދިފާއުވުމަށް ބޭނުންވާ ސިއްހީ އާލާތްތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެން ދިއުމުން އެގައުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އެހީތެރިކަން ޗައިނާއިން ލިބުނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުންވެފައިވާ މުހިންމު ދަނޑިވަޅެއްގައި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރި ރަހުމަތްތެރިއެއް ކަމަށެވެ. އަދި މިއީ އުނދަގޫ ދަތުރެއް ކަމަށާއި ނަމަވެސް އެކީގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލުވުމުގެ އުންމީދާއި ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ކޮވިޑް 19އާ ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއެކު އަތާއަތް ގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިހުލާސްތެރިކަމުގެ ޝުއޫރު ފާޅުކުރަމެވެ." މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ބައެއް މަޝްއޫރުތައް ހިންގަމުން އަންނަ ޗައިނާގެ ބައެއް ކުންފުނިތަކުން ވެސް މިދަނޑިވަޅުގައި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ހެދުމުގައި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟