ކޮވިޑް 19 އަށް ޓެސްޓު ކުރަން ބޭނުންވާ 5000 ޓެސްޓު ކިޓު ވެލާ ރިސޯޓުގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކޮށްފި ކަމަށާއި، އިތުރު 5000 ޓެސްޓު ކިޓް މިރޭ ރާއްޖެއަށް ގެންނާނެ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.
ވެލާ ރިސޯޓުގެ އޮފިޝަލަކު "ވަން އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރު އެ ރިސޯޓުގެ ހިއްސާދާރަކު ރާއްޖެ އައިއިރު 5000 ޓެސްޓު ކިޓުވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް މި ޓެސްޓު ކިޓުތައް ޑިޒާސްޓާ މެނޭޖްމަންޓާއި ހަވާލުކޮށްފައިވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ވެލާ ރިސޯޓުގެ ފަރާތުން ކައިރި ރަށްރަށަށް ޕީޕީއީ ކިޓްސް އަދި މާސްކު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށާއި، މިއަދު މެންދުރު އެތަކެތި ރާއްޖެ ގެނެސްފައިވާ ކަމަށް އެ އޮފިޝަލް މައުލޫމަތު ދިނެވެ. އަދި މިތަކެތި މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ކައިރި ރަށްތަކަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ރިސޯޓުން މައުލޫމާތު ދެއެވެ.
އެ ރިސޯޓުން ޖުމްލަ 10،000 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައި ވެއެވެ. އެގޮތުން މިރޭ އިތުރު 5000 ޓެސްޓު ކިޓު ރާއްޖެ ގެންނާނެ ކަމަށް "ވަން" އަށް މައުލޫމާތު ދިން ވެލާ ރިސޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ ހަފުތާތެރޭ ފަސް ވެންޓިލޭޓަރުގެ އިތުރުން ރެސްޕިރޭޓްރީ ކިޓު ގެންނާނެ ކަމަށް ވެސް ރިސޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ރެސްޕިރޭޓްރީ ކިޓު ގެނައުމަށް ނިންމާފައިވަނީ އެކޮޅުން ގަންނަން ލިބޭ އެންމެ ގިނައެއްކޮށް ކަމަށް ވެސް ރިސޯޓުން މައުލޫމާތުދެއެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 491 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވެއެވެ.