އިބްރާހިމް ޒަކީ
ޝަރުއީ ދާއިރާގައި ވަޒީފާ އަދާކުރާ އެއްވެސް ފަރާތަކުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވޭތޯ ބަލައި، އިންތިހާބަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިވާނަމަ، އެފަރާތަކާ މެދު އަޅާފައިވަނީ ކޮން ފިޔަވަޅެއްތޯ، ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެގޮތަށް ފާސްކުރީ ކައުންސިލް އިންތިހާބަށް ކުރިމަތިލި ސިވިލް ސާވަންޓުން ސަސްޕެންޑް ކުރަންޖެހޭގޮތަށް ގާނޫނުގައި ކަނޑައެޅިފައި އޮތްއިރު، އިންތިހާބު ލަސްކުރުމާ ގުޅިގެން އެ ފަރާތްތަކުގެ ސަސްޕެންޝަން އުވާލުމަށް މަޖިލީހުން ގާނޫނު ހަދާފައިވީ ނަމަވެސް، ޖުޑިޝަރީގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަމުގައި އޮތީ ކޮޮން ގޮތެއްްތޯ އޮޅުންފިލުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޖުޑިޝަރީ ކޮމިޓިއަށް ހުށަހެޅުމުންނެވެ.
އިންތިހާބަކަށް ސިވިލް ސާވަންޓުން ކުރިމަތިލައިފިނަމަ އެ އިންތިހާބުގެ ކެނޑިޑޭޓުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ހިސާބުން އެމީހުން އޮޓަމެޓިކުން ވަޒީފާއިން ސަސްޕެންޑްވާ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި އެ އިންތިހާބު ނިމި މަގާމުތަކާ މީހުން ހަވާލުވާ ހިސާބުން އޭގެ ތެރެއިން އިންތިހާބު ނުވާ ސިވިލް ސާވަންޓުގެ ސަސްޕެންޝަން އުވޭ ކަމަށްވެސް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
ނަމަވެސް ކޮވިޑް 19 ގެ މި ހާއްސަ ހާލަތުގައި ކަން ކުރާނެ ގޮތެއް ގާނޫނުގައި ނެތުމުން ކައުންސިލް އިންތިހާބު ފަސްކުރަން މަޖިލީހުން ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގައި، ސިވިލް ސާވަންޓުގެ ސަސްޕެންޝަން އުވާލުމަށް ވަނީ ހިމަނައިފައެވެ.
ސިވިލް ސާވަންޓުންނަށް އެކަންތައް ހަމަޖެހިފައިވީ ނަމަވެސް، ކުންފުނިތަކުގެ މުވައްޒަފުންނަށް އެކުންފުނިތަކުގެ ގަވައިދުގައި ގޮތްތަކެއް ވަނީ ކަނޑައަަޅައިފައެވެ. އެ އުސޫލުގެ ދަށުން ކައުންސިލް އިންތިހާބަށް ކުރިމަތިލައިގެން ފެނަކައިން ސަސްޕެންޑްކުރި އެ ކުންފުނީގެ މުވައްޒަފުންގެ ސަސްޕެންޝަން ވެސް ވަނީ އުވާލައިފައެވެ.
ނަމަވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނާ ބެހޭ ގަވައިދުގައި ބުނެފައިވަނީ، އެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ރިޔާސީ އިންތިހާބަކަށް ވާދަނުކުރެއްވޭނެ ކަމަށާއި އެއްވެސް ސިޔާސީ ހަރަކާތެއްގައިވެސް ބައިވެރިނުވެވޭނެ ކަމަށެވެ.
އެ ކަންތައްތައް ބެލުމަށް ކޮމިޓީން ފާސްކޮށްފައިވަނީ، އިންތިހާބަށް ކުރިމަތިލައިގެން ވަޒީފާއިން ވެކިކޮށްފައިވާނަމަ އެކަމަށް ގޮތްތަކެއް ހޯދައިދިނުމަށެވެ.
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ޖުޑިޝަރީގެ ފަރާތުން އެކަންތައްތައް އޮޅުންފިލުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކޮމިޓީިން ސިޓީއެއް ފޮނުވާނެ ކަމަށެވެ.