ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ސްޕޯކްސް ޕާސަން އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ޚާއްސަ ޚިތާބެއް ނެރުއްވައިފަ އެވެ.
އިސްލާމްދީނުގެ ސާފު އަގީދާއިން ބޭރުވެގެންދަނީ ވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި ލާއިންސާނީ ހަރުކަށި އަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި އިސްލާމްދީނުގައިވާ ރަހުމާއި އޯގާތެރިކަމާއި ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީ ކަމަށާއި އެހެންކަމުން ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މައުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ޚިތާބުގައި އިލްތިމާސް ކުރައްވައިފިއެވެ.