ޚަބަރު

ފުވައްމުލަކު ސިޓީގައި ގެއިން ބޭރަށް ނުކުތުން މަނާކޮށް، ވަކި ވަގުތުތަކެއްގައި ރިންގު ރޯޑު ބަންދުކުރަން ނިންމައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ފުވައްމުލަށް ސިޓީގައި ގެއިން ބޭރަށް ނުކުތުން މަނާކޮށް، އެ ރަށު ރިންގު ރޯޑު ބޭނުންކުރާނެގޮތެއް ކަނޑައަޅައިފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބުދުﷲ ފަލާހު ސޮއިކުރައްވައި، ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން ކައުންސިލުން ވަކިގޮތެއް އަންގަންދެން ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 12:00އާ ހަމަޔަށް ނާއިބުތުއްތުމަގު (ރިންގްރޯޑް)ބަންދުކުރެވޭނެ ކަމަށެވެ. އެ ގަޑީގައި އެމަގު ބޭނުން ކުރެވޭނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހުއްދަދޭ ފަރާތްތަކަށް ކަމަށް ބުނެފައިވއެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިންބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ ކަމަށާއި، ޒަރޫރީ ބޭނުމަކަށް ނުކުމެ އުޅޭއިރު ތިން މީހުންނަށްވުރެ ގިނައިން އެއްތަނަކަށް ޖަމާނުވުމާއި، އިޖުތިމާއީ ގައިދުރުކަން ޔަގީންކުރުމަށްވެސް އެ ބަޔާނުގައި އަންގާފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މި ފިޔަވަޅުތަކަކީ، ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތިރެމުންދާތީ، ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލާމަރުކަޒީ ގާނޫނާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެދަށުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

މި ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ލާމަރުކަޒީ ގާނޫނުގެ ދަށުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް 19 އާ ގުޅިގެން ކައުންސިލުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި އުނދަގޫތައް އިންތިހާއަށްް ކުރިމަތިވާނެކަން ކައުންސިލުން ގަބޫލުކުރާ ކަމަށްެވސް ބުނެފައިވެއެވެ.

ނަމަވެސް މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށްވެސް އެ އެންގުމުގައި ބުނެފައިވެއެވެ.