ޚަބަރު

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދީފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި އެމެރިކާއިން ވެދެއްވި މިއެހީއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަދި މެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް ޝުކުރު ދަންނަވާފައިވެއެވެ.

މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި، މިހާރު ދިމާވެފައިވާ މިހާލަތުން އަރައިގަތުމަށް އެކުވެރި ގައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސަރުކާރުން އާންމު ކުރި ބަޔާނެއްގައި، ކޮވިޑް 19 އާއިގުޅިގެން އެގައުމުން އެކި ގައުމުތަކަށާއި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާތަނަށް އެކި ގައުމުތަކަށް 775 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

އެގޮތުން ރާއްޖެއަށް އެމެރިކާއިން ދިނުމަށް ނިންމާފައިވާ ދެ މިލިއަން ޑޮލަރުގެ އެހީތެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް ފަންޑު ކުރުމަށް ދީފައިވާ ސަޕޯޓް ފަންޑެއް ކަމަށް އެމެރިކާއިން ބުނެއެވެ. އަދި މި ފައިސާގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެ ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.

2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާއިން ރާއްޖެއަށް 30 މިލިއަން ޑޮލަރަށް ވުރެ އިތުރު އެހީ ފޯރުކޮށްދީފައިވާކަން އެމެރިކާއިން ފާހަގަ ކުރެއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއަށް އެކި ގައުމުތަކުން އަންނަނީ ފައިސާގެ އަދި އެކި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ވަރަށް ފަހުން ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.