ޚަބަރު

މާލޭގެ މަގެއް މައްޗަށް ހަރަކާތް ހުއްޓިގެން ވެއްޓިފައި އޮތް ޒުވާން އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްފި

އަލީ ޔާމިން

ހަރަކާތް ހުއްޓިގެން މާލޭގެ މަގެއް މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިރޭ 3:30 ހާއިރު ޗަމްޕާ މަގުގައި އަންހެނެއް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން، 4:08 ގައި އެ ސަރަހައްދަށް ގޮސް ފުލުހުންގެ ވެހިކަލްގައި އޭނާ އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށެވެ. ފުލުހުންގެ ވެހިލަކްގައި އޭނާ ގެންދަން ޖެހުނީ އެމްބިއުލާންސްތައް އެވަގުތު ބިޒީވުމުން ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، ނަމަވެސް 4:31 ހާއިރު އޭނާ ހޭއަރާފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.