ރާއްޖޭގައި ހަލުވިކާމާއި އެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ޖެންޑާ މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށާއި މީހުންނަށް، ފިނޭންސް މިނިސްޓްރީގެ "ބަނޑޭރި ޕޭ" މެދުވެރިކޮށް މިހާރު އެހީތެރި ވެވޭނެ ކަމަށެވެ.
އެގޮތުން "ބަނޑޭރި ޕޭ" ވެބްސައިޓަށް ވަނުމަށް ފަހު "ޕޭމަންޓް ރިކުއެސްޓް ސްލިޕް" ފުރިހަމަ ކުރަން ޖެހެއެވެ. އެއަށްފަހު އެ އެހީ ދެނީ ސޯޝަލް ސާވިސަސް ނުވަތަ އިޖުތިމާއީ ހިދުމަތަށްކަން އިހުތިޔާރުކުރަން ޖެހޭނެ އެވެ. އެ މައުލޫމާތުތައް ފުރިހަމަކުރުމުން ފައިސާ ދެއްކުމަށް އެދި އީމެއިލަށް މެސެޖެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ މަހުގެ 15 ދުވަހު ސަރުކާރުން ވަނީ މާލޭ ސަރަހައްދު ލޮކްޑައުންކޮށްގަ އެވެ. އޭގެ ދެ ދުވަސް ފަހުން މުޅި ރާއްޖެ ވެސް ލޮކްޑައުން ކުރި އެވެ. މި ލޮކްޑައުންއާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ބަޔަކު ތާށިވެ، އަތްމަތިވެސް ހުސްވުމުގެ ސަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ކޮވިޑް 19 އާ ގުޅިގެން މީގެ ކުރިން ހާލުގައި ޖެހިފައިވާ، ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ އިތުރުން ސަތޭކައަށްވުރެ ގިނަ މީހުނަށް ޖެންޑާ މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެކި ފަރާތްތަކުން މިކަމަށް ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.