ކޮވިޑް 19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަޕާން ސަރުކާރުން އެހީގެ ގޮތުގައި ރާއްޖެއަށް 8.4 މިލިއަން ރުފިޔާ ދީފިއެވެ.
އެ އެހީ ޖަޕާނުން ދީފައިވަނީ ޔުނިސެފް އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށެވެ. އެގޮތުން ޔުނިސެފް މެދުވެރިކޮށް 5،634،468 ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެހީ ބޭނުންކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ، ޖަޕާނުން ފޯރުކޮށްދިން އެހީއަކީ ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށާއި، އެހެންކަމުން މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.
ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ގައުމެވެ. އެގައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްގީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމެވެ.