ކޮވިޑުގެ ސަބަބުން އެންމެންގެ އާމްދަނީ ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި، ފްރީލާންސް، ނުވަތަ އަމިއްލަ މަސައްކަތުން ދިރުއުޅޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ކޮވިޑުގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ފައްޔާޒް ވިދާޅުވީ މި ކެޓެގަރީގެ މީހުންނަށް ފައިސާ ދޭން ބަލާއިރު، ސެލްފް އެމްޕްލޮއިޑް ނުވަތަ ފްރީލާންސަރުންނަކީ ކޮބައިކަން އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭ ކަމަށެވެ. އެކަން ދެނެގަތުމަކީ ގޮންޖެހުމަކަށް ވެފައިވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ފަރާތްތައް ކަނޑައެޅޭނެ ގޮތަކީ ކޮބައިތޯ ބައްލަވަމުންގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސެލްފް އެމްޕްލޮއިޑް މީހުންނަކީ ކޮބައިތޯ؟ އެއީ މުޒިކް ގުރޫޕުތައްތޯ؟ ރިސޯޓަށް ޑީޖޭ ކުޅެންދާ ކުއްޖާތޯ؟ ގޭގައި އިނދެގެން ހެދިކާ ހަދާ ކަނބަލުންތޯ؟ ދޯނިފަހަރު ބަންނަން އުޅޭ ވަޑިންތޯ؟ ރާނާ މީހުންތޯ ނުވަތަ ކޮންޓްރެކްޓް އުސޫލުން މަގުމަތީ ކުނިކަހާ މީހުންތޯ؟ މިހެން ގޮސް ލައިނެއް ޑްރޯ ކުރެވޭނީ ކިހާ ހިސާބަކުންތޯ؟"އެފަދަ މީހުންގެ މިންގަނޑެއް ކަނޑައެޅުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިހާލަތުގައި ދައުލަތުގައި ފައިސާ ހުރީ ލިމިޓެޑް ކޮށް ކަމަށާއި އެހެންކަމުން ސެލްފް އެމްޕްލޮއިޑް ނުވަތަ އަމިއްލަ މަސައްކަތުން އުޅޭ މީހުން ކަނޑައަޅާނެ މިންގަނޑެއް ނުވަތަ ލައިން ޑްރޯކުރަންވީ ހިސާބެއް ނޭނގި އެންމެނަށް ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އަދި އެގޮތަށް ދޫކުރެވޭ ވަރަށް ދައުލަތުގައި ފައިސާވެސް ނެތް ކަމަށެވެ. ބޭނުންވަރަކަށް ދައުލަތުގައި ފައިސާ ހުރި ނަމަ ވަޒީފާއެއް އޮތަސް، ނެތަސް އެ ފައިސާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހިލުންވުމެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ކޮވިޑް 19 އާއި ގުޅިގެން، ރާއްޖޭގެ ހުރިހާ ވިޔަފާރިތައް ހުއްޓިފައިވާ މި ވަގުތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ދެމެހެއްޓުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ. އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން "ކޮވިޑް19 ވިޔަފާރި އެހީ"ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ސްކީމްގައި ފްރީލަންސަރުން ނުވަތަ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އުޅޭ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ވަކި ބައެއް ވަނީ ހިމަނައިފަ އެވެ.
މި ލޯނު ސްކީމުގައިވާ ގޮތުން އަމިއްލަ މަސައްކަތްކުރާ މީހުންގެ ގޮތުގައި ބެލެވޭނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭން މަދުވެގެން ހަމަސްދުވަހު މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދާފައިވާ މީހުންނެވެ. އެފަދަ މީހުންނަށް 18000 ރުފިޔާއާއި ހަމަޔަށް ލޯނު ލިބޭނެ އެވެ. ތިން އަހަރު ދުވަހުން އަނބުރާ ދައްކާގޮތަށް ދޫކުރާ އެލޯނަށް ހަމަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭ އިރު އިންޓްރެސްޓް ރޭޓަކީ ހައެކެވެ.
ފްރީލާންސަރުންނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަކީ ކޮބައިތޯ، ނުވަތަ އެއީ ކޮންމެ ކަމެއް ކޮށްގެން ވިޔަސް އާމްދަނީއެއް ހޯދާ މީހާތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ސީރިއަސް މައްސަލައަކަށް ވަނީ ވެފައެވެ. މިފަދަ ހުރިހާ މީހުން އެއްކޮށްލައިފި ނަމަ، އެ އަދަދު އެތައް ހާހަކަށް ނުވަތަ ލައްކައަކަށް ވެސް އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން މިފަދަ ކެޓަގަރީއަކަށް އެއްވެސް ލިމިޓެއް ނެތި ނުވަތަ ހަރުދަނާ މިންގަނޑެއް ނެތި ހުޅުވާލައިފި ނަމަ، އެއީ ދައުލަތަށް އޮބި އޮންނާނެ ކަމަކަށް ނުވާނެކަމަށް އިގުތިސޯދީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.