ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ސީދާ ބައްދަލުވެފައިވާތީ، އިއިސޮލޭޝަންގައި ހުންނަން ޖެހިވަޑަިއގެންނެވި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބުދެއްްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސެލްފް އައިސޮލޭޝަންގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށާއި ހާލު ވަރަށް ރަނގަޅު ކަމަށެވެ.
ސުވާލުކުރައްވަމުން މެންބަރު އިލިޔާސު ވިދާޅުވީ، ހޯމް އައިސޮލޭޝަންގައި މިނިސްޓަރު ހުންނެވުމުން ހާލުކޮޅު ރަނަގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހާލު ރަނގަޅު. ކަން ދިމާވި ގޮތުން ތަންކޮޅެއް ލުއި ވެފައި ހުރީ،" މެންބަރު އިލިޔާސަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒުގެ އިތުރުން މިނިސްޓަރަކު ވެސް އަންނަނީ އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކުރައްވަމުންނެވެ. އެއީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.
މިނިސްޓަރު މަހުލޫފު އައިސޮލޭޝަނަށް ދާން ޖެހުނީ، އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުންނެވެ. މިނިސްޓަރު މަހްލޫފު ވަނީ އެ ފިހާރައިގެ ޑެލިވަރީގައި ބައިވެރިވެވަޑައިގެންފައެވެ.