ޚަބަރު

މަނަދޫން އުމުރުން ދުވަސްވީ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެ، 30 އަށްވުރެ ގިނަ މީހުން އެކަހެރިކޮށްފި

އަލީ ޔާމިން

ނ. މަނަދޫ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑަށް ޕޮޒިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ބަލިކޮށް އުޅޭތީ ނ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު އެޑްމިޓްކޮށްފައިވާ މީހެކެވެ. އަދި އޭނާގެ ހާލަތު ރަނގަޅު ނުވާތީ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިއަދުގެ ވަގުތެއްގައި އެ އަންހެން މީހާ ޑިސްޗާޖުކޮށްފައިވާ އިރު، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޑިސްޗާޖުކުރުމުގެ ކުރިން ނެގި ސާމްޕަލްގެ ނަތީޖާއިން މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މި އަންހެން މީހާއަކީ މީދެ ދެމަހެއްހާ ދުވަސްކުރިން މާލެއަށް ފައިގެ އޮޕަރޭޝެއް ކުރަން އައިސް އުޅުނު މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ގޮހޮރުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ މީހެކެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ބައްޔަށް ޕޮޒިޓިވްވިއިރު ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

މި މީހާ ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މަނަދޫގައި ބާރަށް ކުރިއަށްދާ އިރު، މިހާތަނަށް ވަނީ 30 އަށްވުރެ ގިނަ މީހުން އައިސޮލޭޓްކޮށްފައެވެ. އޭގެ ތެރޭގައި މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ 23 ސްޓާފުންވެސް ހިމެނެއެވެ.

އޭނާ ޕޮޒިޓިވްވުމާ ގުޅިގެން މިހާރު މަނަދޫ އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.