ޚަބަރު

ރާއްޖެއަށް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ގެނައުމަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ: މިނިސްޓަރު ފައްޔާޒް

އިބްރާހިމް ޒަކީ

ރާއްޖެއަށް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ގެނައުމަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ކާމިޔާބުވުމާއެކު އެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރަހެއް ނެތުމުން އެ ދާއިރާގައި ބޭރުގެ ފާރާތްތައް އިންވެސްޓް ކުރި ނަމަވެސް އެހެން ދާއިރާތަކުން ރާއްޖެއަަށް ފޮރިން އިންވެސްޓަރުން ގެނައުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ވާދަވެރިކަމުގެ ފައިދާތަކެއް ނެތުމާއި، ލޭބަރުން ނެތުމާއި، ރޯމެޓީރިއަލް ނެތުމާއި، ގާނޫނުތަކާއި ގަވައިދުތައް އެކުލެވިގެންވާ ގޮތް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަވައްޓެރި ގައުމުތަކުގައި ލޭބަރުންނާއި ރޯމެޓީރިއަލް ލިބެން ހުންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަން ފިޔަވާ އެހެން ދާއިރާތަކުން ފޮރިން އިންވެސްޓު ކުރަން ބަލައިލާ އިރު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި ހުރީ ޓެކްސް އާއި އެހެނިހެން ކަންކަން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކާ ގާތްކުރާ މިންވަރަށް ކަމަށެވެ.

އެހެންކަމުން ގާނޫނުތައް ބަދަލުކޮށް ޝައުގުވެރިވާ ކަންތައްތަކެއް އެހެން ދާއިރާތަކުން ހިމަނަންޖެހޭ ކަމަށާއި ބަދަލު ގެންނަންޖެހޭ ގާނޫނުތަކާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރަމުން އަންނަ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.