ޚަބަރު

މިސަރުކާރުގެ މެނިފެސްޓޯގައިވާ އިސްލާމީ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިލްތިމާސް ކުރަން : އެމްއާރްއެމް

މުހައްމަދު އައުޒަމް

މިސަރުކާރުގެ މެނިފެސްޓޯގައިވާ އިސްލާމީ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމަށް އެމްއާރްއެމްއިން އިލްތިމާސް ކޮށްފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު ހަނދާންކުރަންވީ ރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާއި ހަމައަށް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި މިސަރުކާރުގެ މެނިފެސްޓޯގައި އިސްލާމީ ވަހުދަތު ހަރުދަނާ ކުރުމުގެ ގޮތުން ވަރަށް ގިނަ ކަންތަކެއް ހިމަނުއްވާފައިވާ ކަމަށެވެ.

އެމްއާރުއެމްގެ ބަޔާނުގައި ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ބަޔާން ކޮށްފައިވާ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކޮށްދީ ދިވެހިންގެ އިސްލާމީ ވަހުދަތު ވަރުގަދަކޮށް އިސްލާމްދީނުގެ މަތިވެރި އަގީދާ ދެމެހެއްޓުމާއި އަނިޔާވެރިކަމާއި ފަސާދަ އާއި ހަރުކަށިކަން ނައްތާލައި އިގްތިސާދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިއާޔަތްކުރައްވާނެކަމަށް ވެފައިވާ ވައުދު ފުއްދުމާއި ގައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްދާކަން ކަށަވަރު ކުރުމާއެކު ރާއްޖޭގައި އިސްލާމީ ތައުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުން މެނިފެސްޓޯގައި ހިމެނޭއިރު މިކަންކަން ތަންފީޒު ކޮށް ހަރުދަނާ ކުރުމަށްޓަކައި ވީ އެންމެ އަވަހަކަ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިއުމަތް މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވިކަމަށްޓަކައި މާތް ﷲ ގެ ހަޒުރަތަށް ހަމްދާއި ޝުކުރު ކުރަމެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި އިތުރަށް ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީގު ދިވެހީންނަށް ދެއްވައި ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ލަހައްޓަވައި ރާއްޖެއަކީ އަމަން އަމާންކަން ގާއިމު ވެފައިވާ ސުލްހަ މަސްލަހަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރަމެވެ." އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

ތާރީހުން އެނގޭ ގޮތުގައި ދިވެހިދައުލަތުން ރަސްމީކޮށް އިސްލާމްދީން ގަބޫލުކޮށްފައި ވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ 2ވަނަ ދުވަހު ކަމަށް ވެސް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.