ޚަބަރު

އެކަކު އަނެކަކަށް އަޅާލައި، މިމައްސަރުގެ ދަރުމައާއި ސަވާބު ހޯދަން ދީލަތިވުން އިތުރުކުރުމަށް، ހުތުބާގައި ވަސިއްޔަތްކޮށްފި

އިބްރާހިމް ޒަކީ

މި ދަނޑިވަޅުގައިވެސް އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އެހީތެރިވެ، މި މާތް މައްސަރުގެ ދަރުމަ އާއި ސަވާބު ހޯދުމަށް ދީލަތިވުން އިތުރު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަސިއްޔަތް ކޮށްވިއެެވެ.

އިސްލާމީ މަރުކަޒުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، ބުނެފައިވަނީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވަނީ ނުރައްކާތެރި، ހިތާމަވެރި ދަތި ދުވަސްތަކެއް ކަމަށެވެ.

މުޅި ދުނިޔެ މިވަނީ ބަލި މަޑުކަމާއި، ތަދުމަޑުކަމުގެ ތޫފާނެއްގެ ތެރޭގައި ކަމަށާއި، އެތައް ބަޔަަކަށް މިވަނީ ދަތިތަކާއި ހިތާމަަތަކާއި ހިތްދަތިކަން ބަރުދާސްތުކުރަންޖެހިފައި ކަމަށްވެސް ބުނެފައިވެއެވެ.

"އެ އެންމެން އުއްމީދު ކުރަނީ ﷲ ތައާލާގެ ރަހުމަތާއި އޯގާތެރިކަމަށް، އެ އެންމެންގެ ހާލުގެ ދުލުން ގޮވަނީ، ތަނަވަސްކަންހުރި މީހުން އެއުރެންނަށް އެހީތެރިވެ އަޅައިލުމަށް، މި ދަނޑިވަޅުގައި ﷲގެ ރަހުމަތަށް އެދި ދެންނެވުމަށާއި ސަބަބުތަކުގައި ހިފުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ފުރިހަމަޔަށް އަމަލު ކުރުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އެހީތެރިވެ، މި މާތް މައްސަރުގެ ދަރުމަ އާއި ސަވާބު ހޯދުމަށް ދީލަތިވުން އިތުރުކުރުމަށް ވަސިއްޔަތްކޮށް ނަސޭހަތްތެރިވަން،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ، އިސްލާމްދީން ގޮވާލަނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އަޅައިލުމަށް ކަމަށެވެ.

ހާއްސަކޮށް މުސީބާތާއި ތަކުލީފުގެ ވަގުތުތަކުގައި އެހެން މީހުންނަށް އެހީތެރިވެ، ހަމްދަރުދީވެ، އެމީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި، "އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް، މުއުމިނުންގެ ސިފައެއް،" ކަމަށްވެސް ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ، އިސްލާމީ މި މުޖުތަމައުގައިސް އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު އެބަތިބި ކަމަށެވެ.

"އެއީ ކުލުނުގެ ނަޒަރަކުން ބަލައިލަން ޖެހޭ ބައެއް، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޔަތީމު ކުދިންނަށާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރި ކޮށް ހިތަން އެބަޖެހޭ، ހާއްސަ ގޮތެއްގައި ލޭ އަޅަން ޖެހިފައިވާ ތެލެސީމިޔާ ކުދިންނަށް އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭން ޖެހޭ، މިއަދު އެކުދިން ގޮވަމުންދަނީ، އަޅުގަނޑުމެންގެ އެހީތެރިކަމަށް އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އިންތިޒާރު ކުރަނީ އެހީތެރިކަމެއް ދިއްކޮށްލާނޭ ފަރާތަކަށް، އެކުދިިންނަކީވެސް މުޖުތަމައުގެ އެއްބައި،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ، އެކުދިންނަށް އަޅުގަނޑުމެން ސޮދަގާތްކުރާ ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހަދިޔާކުރާ ކޮންމެ ލޭ ތިއްކަކީ ﷲގެ މަގުގައި ހޭދަކުރެވޭ ސޮދަގާތެއް ކަމަށެވެ.