ކޮވިޑް 19ގައި ގައުމު މި ނުރައްކާތެރި ހާލަތަށް ދިޔައީ ސަރުކާރުގެ އިހުމާލުން ކަމަށް އިދޮކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިރޭ ބޭއްވި އޮންލައިން ނިއުސްކޮންފަރެންސްގައި، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކޮވިޑް 19ގެ ނުރައްކާ ފެށުނީއްސުރެން، ހުރިހާ ހާލަތަކަށް ތައްޔާރަށް އޮތް ކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނަމުންދިޔަ ކަމަށެވެ.
ކޮވިޑް 19ގައި އާމިނަތު އާދަމް މަރުވި މައްސަލައަށް އަލިޅުވާލައި އަދުރޭ ވިދާޅުވީ، އެފަދަ ހައިރިސްކު ބޭކަނބަލަކު، ވެންޓިލޭޓަރަށް ލުމުގެ ބަދަލުގައި ގޭގައި ބެހެއްޓުމަކީ ސަރުކާރުންވި ވަރަށްބޮޑު އިހުމާލެއް ކަމަށެވެ. މީގެ އިތުރުން ކޮވިޑް 19 ނުރައްކާތެރިކަމާއެކު، ދިވެހި މުޖުތަމައަށް ފެތުރިގެން ދިޔައީ، ސިއްހީ އެހީތެރިންނާއި، އިދިކޮޅު ފަރާތްތަކުން ދެމުންދިޔަ އިރުޝާދުތައް އަޑުނޭހުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެހެންކަމުން ގައުމަށް ދިމާވެފައިވާ މި ހާލަތުގެ ޒިންމާ ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަަމަށްވެސް ވިދާޅުވިއެެވެ.
ސިއްހީ އެހީތެރިންގެ ލަފާ ފުރިހަމަ ގޮތުގައި، ބޭނުންކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސއްކަތް ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތްކުރަނީ އަމިއްލަ ރައްކާތެރިކަމަށް ބަަލައިގެން ކަމަށާއި އަދި ކޮވިޑް 19 އަށް ޓެސްޓު ކުރުންވެސް ކުރިއަށްގެންދަނީ ސިޔާސީ ފަރާތްތަކާއި އެފަރާތްތަކާ ގުޅުންހުރި ފަރާތްތަކަށް އިސްކަންދީގެން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ކޮވިޑް 19 ގެ ކަންތަކުގައި ސިޔާސީ އެއްވެސް ކުލައެއް ނުޖައްސައި ގައުމީ ކަމެއްގެ ގޮތުގައި މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާއެކު ސަރުކާރާއެކު ކުރިއަށްދާ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔަމީން ގެއަށް ބަދަލުކުރެއްވުމަށް އެދި ދުވާލަކު އެތައް ފަހަރަކު ރައީސަށް ފޯނު ކުރެއްވި ކަމަށާއި އެކަމާ އުޅުއްވާނެކަމަށް ވިދާޅުވެ، ފަހުން ރައީސްގެ ހަބަރެއް ނުވި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރޯދަމަހާ ދިމާކޮށް، ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާވެސް ވާހަކަދެއްކެވި ކަމަށާއި އެކަން ކޮށްދެއްވާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވި ނަަމަވެސް އެކަން ކޮށްދެއްވާފައިނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.