ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތީން ދެފުށް ފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގަ އެވެ.
ރައީސް ސޯލިހުގެ ޚިތާބުގައި ވިދާޅުވީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ގެންދިއުމަށް ޓަކައި ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، އާންމުކުރެވެން ޖެހޭނެ ކަމަށާއި ސަރުކާރުގެ މުވައްޒަފުންނާއި އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި އަދި ވަޒީރުންނަކީ ވެސް ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށް ވާން ޖެހޭނެ ކަމުގައިވެސް މި ޚިތާބުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ޚިތާބުގައި ވިދާޅުވެފައިވާ ގޮތުގައި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީ އާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެ އެވެ. އެމަނިކުފާނުގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވައުދަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚުލާސްތެރިކަމާ އެކު މަސައްކަތް ކުރުން ކަމަށާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ ސަރުކާރުގެ އެއް އަމާޒު ކަމުގަ އެވެ.
މީގެއިތުރުން ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާ އާއި ގެއްލިފައިވާ ހައްގުތައް އަނބުރައި އިއާދަ ކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި މިއަދު އަޒުމް ކަނޑައަޅަންވީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާ މެދު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސްގެ ޚިތާބުގައި ވަނީ ދެއްވައިފަ އެވެ.
ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސްގެ ޚިތާބުގައި ވަނީ އިލްތިމާސްކުރައްވައިފަ އެވެ.