ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ ބޭސް ސިޓީ އާކުރުމުގެ އިންތިޒާމް އައިޖީއެމްއެޗުން ހަމަޖައްސައިފި އެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އެ ހޮސްޕިޓަލުގެ ސެންޓާ ފޯ މެންޓަލް ހެލްތުން އަންނަނީ ލޮކްޑައުންގެ ހާލަތުގައިވެސް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ ބޭސް ސިޓީ އާކުރުމުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ދިނުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ބޭސްސިޓީ އާކުރަން ބޭނުންވާ ބަލިމީހުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 9:00 އާއި 12:00 އާއި ދެމެދު 7942403 އަށް ބޭސް ސިޓީ އަދި އައިޑީކާޑުގެ ފޮޓޯ ފޮނުވުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.
މިގޮތަށް ބޭސް ސިޓީ އާ ކޮށްދިނުމުގައި އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ބޭސްސިޓީގެ ފޮޓޯއެއް ފޮނުވުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ. ބޭސްސިޓީ އާކޮށްދޭނީ މީގެ ކުރިން އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތަށް ދައްކާފައިވާ ބަލިމީހުންނަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މިދިޔަ ކުރު މުއްދަތުގައި ޑޮކްޓަރަށް ދައްކާފައި ނުވާނަމަވެސް ބޭހާއި ގުޅޭ މައުލޫމާތު ހޯދުމަށް ސެންޓާ ފޯ މެންޓަލް ހެލްތަށް ގުޅޭނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އެގޮތުން އެ ސެންޓަރުގެ ނަންބަރު 7942403 އަށް މެސެޖު ކޮށްގެން އެކަން އޮޅުން ފިލުވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.