ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށްޓަކާ ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ހުތޫރަތްތެރި ވަގުތު ގިނަ ރައްޔިތުންގެ ކިޔަމަންތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ކޮވިޑް 19ގެ ނުރައްކާތެރިކަން ފުޅާވަމުންދާއިރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 396 އަށް އަރާފައިވާއިރު މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 95 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.