ޚަބަރު

އުމުރުން ދުވަސްވީ މީހުންނާއި ދާއިމީކޮށް ފަރުވާ ހޯދާ މީހުންނަށް އިތުރު ސަމާލުކަން ދިނުމަށް އިދިކޮޅުން ގޮވާލައިފި

އަލީ ޔާމިން

އުމުރުން ދުވަސްވީ މީހުންނާއި ދާއިމީކޮށް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާ މެދު ސަރުކާރުން އިތުރަށް ސަމާލުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވުމާ ގުޅިގެން އެކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާއި ކޯލިޝަނުގެ ބައިވެރިންގެ ނަމުގައި، މަރުވި ފަރާތުގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށެވެ.

އިއްޔެ މަރުވި އާމިނަތު އާދަމަކީ އުމުރުން ދުވަސްވެފައިވުމާއެކު، ދާއިމީ ގޮތެއްގައި ބޭސްކުރަމުން އަންނަ ފަރާތަކަށްވީއިރު، ބައްޔަށް ކުރިން ޕޮޒިޓިވްވި މީހެއް އާނާއާ ބައްދަލުވެފައިވުމާއެކު، އޭނާ ދިރިއުޅެމުން އަންނަ ގެ މޮނީޓަރިން ހާލަތަށް ގެނެސް އޭނާ ގޭގައި ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ކިބައިން ބަލީގެ އަލާމާތްތައް ފެނުމާއެކު ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށް އާއިލާއިން އެދުމުންވެސް ސާމްޕަލް ނެގުން ލަސްވުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބުނީ އޭނާ މަރުވި ފަހުން ކަން ފާހަގަކޮށް އެކަމާމެދުވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މި ކޭސްގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި ބަލިތަކަށް ދިގުމުއްދަތުގެ ފަރުވާކުރާ މީހުންނަށް ހާއްސަ ސަމާލުކަން ދިނުމަށް ވަނީ ގޮވާލާފައިވެއެވެ.

ބައްޔަށް ޝައްކުވާ ފަރާތްތައް ޓެސްޓު ކުރުމާއި، ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ފަރާތްތަކުގެ ޓެސްޓު ނަތީޖާ ލިބެންދެން މަޑުނުކޮށް އެފަރާތްތައް މޮނިޓާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް އިދިކޮޅު ކޯލިޝަނުން ގޮވާލައިފައިވެއެވެ.

ކޮވިޑް ބަލީގައި ރޭ މަރުވި އާމިނަތު އާދަމްގެ އުމުރަކީ 83 އަހަރެވެ.