ޚަބަރު

ކޮވިޑުގައި ރާއްޖެއިން މަރުވި އާމިނަތު އާދަމްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކޮވިޑް 19ގައި ރާއްޖެއިން ފުރަތަމަ މަރުވި އާމިނަތު އާދަމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މަރުވި އާމިނަތު އާދަމްގެ އާއިލާއަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.

"ކޮވިޑް 19ގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމްގެ އާއިލާއަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން. މާތްﷲ މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް މަރުވީ ރޭ 7:10ގައި ކަމަށާއި އޭނާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ މަރުވި ފަހުން ކަމަށެވެ.

"މިއީ ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވް ނިޔާވި ފުރަތަމަ ފަރާތް. އެކަމަނާގެ އާއިލާއަށާއި އެކަމަނާގެ ރަހުމަތްތެރިންނަށާއި އަޅުގަނޑުމެން ތައުޒިޔާ އަރިސްކުރަން. އަދި މި ހިތާމައިގައި އަޅުގަނޑުމެން އަދި މުޅި ސަރުކާރުން ބައިވެރިވާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އާމިނަތު އާދަމަކީ ކޭސް ނަންބަރު 126އާ ގުޅުންހުރި މީހެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އެ އާއިލާގެ އެހެން ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މަރުވި މީހާގެ ސާމްޕަލް ނެގުނީ މިމަހުގެ 27 ވަނަ ދުވަހުގެ ދަންވަރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އިއްޔެ އިރުއޮއްސުނު ވަގުތެއްގައި ނޭވާލާން އުނދަގޫވެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.